ދިވެހިންގެ
ނިޔަމިކަން
އެވޭލާ
ޒަމާނުންސުރެން ދިވެހިންނަކީ އެއްތަނުން އަނެއްތަނަށް ދަތުރުފަރުކޮށް އުޅުނު
ނިޔަމިންތަކެކެވެ. ބޭރުގެ ގައުމުތަކަށާއި މި ރާއްޖޭގެ އެކިއެކި ރައްރަށައް ދަތުރު ފަތުރުކޮށް
އުޅުނު ބައެކެވެ. ދުނިޔޭގެ ބޮޑެތި ހަޟާރާތްތަކާއި ގުޅުން ބަދެހިކޮށް އުޅުނު
ދުނިޔެއާއި އެކުވެރި ބައެކެވެ. ދުނިޔޭގައި ބާރުގަދަ ރަސްދަރުބާރުތަކަށް ވެދުމާގޮސް
ހަދިޔާބަދިޔާ ބަދަލުކޮށް އުޅުނު ހިތްހެޔޮ ބައެކެވެ. ދުނިޔޭގެ ހުޅަނގާއި އިރަށް
ދަތުރު ފަތުރުކޮށް އުޅުނު ދަތުރު ފަތުރުގެ ޢިލްމު ދަންނަބައެކެވެ. އެވޭލާ ދިވެހިން
ނިޔަމިކަން ކުރަމުން އައީ ދުނިޔެ ގަބޫލްކުރަމުން އަންނަ ޢިލްމުތައް ބޭނުން
ކޮށްގެންނެވެ. އެވޭލާ ދިވެހި ނެވި ނިޔަމިން، ނިޔަމިކަން ކުރުމަށް މަސްނޫއީތަކެތި ބޭނުންކުރިއެވެ. އަދި
ނިޔަމިކަން ކުރުމަށް ދިވެހިންގެ އަމިއްލަ އުފެއްދުންތައް ބޭނުން ކުރިއެވެ. އެވޭލާ
ދިވެހިން ނިޔަމިކަން ކުރަމުންއައީ ތަރިތަކަށާއި އިރާއި ހަނދަށް ބައިގެންނާއި
މޫސުމީ އޮއިވަރާއި ދިޔަވަރާއި ވައަށް ބެލުމުގެ އިތުރުން މަސްނޫއީ ތަކެތި ބޭނުން
ކޮށްގެންނެވެ.
1.1 ނުޖޫމީ ޢިލްމު ބޭނުން ކޮށްގެން ނިޔަމިކަން ކުރިގޮތް
ނުޖޫމީ ޢިލްމަކީ ތަރިތަކުގެ ނުވަތަ
އުޑުގައިވާ އެހެނިހެން އެފަދަ އެއްޗެހީގެ މަންޒިލުތަކާއި އެއެއްޗެހީގެ އެރުމާއި
އޮއްސުމުގެ ސަބަބުން އިންސާނާއަށާއި ބިމުގެ ތަފާތު ކަންތައްތަކަށް ފޯރާކަމަށް
ބުނެވޭ ނުފޫޒު ދިރާސާ ކުރާ ޢިލްމެވެ. ކުރުގޮތަކަށް ބުނާނަމަ، ނުޖޫމީ ޢިލްމަކީ
އުޑުގެ ފަލަކުތަކުތަކާއި ތަރިތަކުގެ ގޮތްތައް އަންގައިދެ ޢިލްމެވެ. މިއީ ދަތުރު
ފަތުރު ކުރުމަށް ވަރަށް ބޭނުންތެރި ޢިލްމެކެވެ. އެންމެ އެވޭލާ ދުވަހުން ފެށިގެން
ދަތުރު ފަތުރު ކުރުމަށް މިޢިލްމު އަންނަނީ ބޭނުން ކުރެވެމުން ނެވެ. ދުނިޔޭގެ
އެހެންމީހުންނެކޭ އެއްފަދައިން ދިވެހިންވެސް ދަތުރު ފަތުރު ކުރުމަށް ނުޖޫމި ޢިލްމު
ބޭނުން ކޮށްފައިވެއެވެ. އެވޭލާ ދިވެހިން ދަތުރުކުރުމަށް ވަކި ހާއްޞަ ތަރިތަކަކަށް
ނަންދީ ފާހަގަ ކޮށްއުޅޭ އެއީ ގަހާތަރި (ޕޯލްސްޓަރ)، ކެތި (ޕްލައިއެޑެސް)، ދެކުނު
ކާލި (ސަދަން ކުރޮސް)، އައްސަރަންގު (އުރުސާ މޭޖަރ) އަދި ތަރިބައި (ގެލެކްސީ)
އެވެ. ގަހާ ތަރިއަކީ އުތުރު ފާހަގަ ކުރުމަށް ބޭނުންކުރަ ތަރިއެކެވެ.
1.1.1 ގަހާތަރި (ޕޯލްސްޓަރ)
އިންސާނުން ދަތުރުފަތުރު
ކުރުމަށް ފަސޭހައަކަށްޓަކައި ތަރިތައް ލައްވާކަމީ ސައްކެއްނެތި ސާފުކޮށް އެނގެން
އޮތް ކަމެކެވެ. އެހެންކަމުން އިންސާނާ އޭނާ ދަތުރުފަތުރު ކުރުމަށް ތަފާތު ތަރިތައް
ބޭނުންކޮށް އުޅެއެވެ. ވަކިވަކި ތަރިތަކާއި ތަރިބައިތައް ބޭނުންކުރެއެވެ. މިގޮތުން
ގަހާތަރިއަކީ ދަތުރުކުރުމުގައި މިސްރާބު ހޯދުމަށް މުހިންމު ދައުރެއް އަދާކުރާ
ތަރިއެކެވެ. ގަހާ ތަރި އަކީ ނިޔަމިކަމަށް އެހީވެދޭ މުހިންމު ތަރިއެއްކަން ފާހަގަ
ކުރެވެއެވެ. ގަހާތަރި ބޭނުން ކުރަނީ އުތުރު ފާހަގަ ކުރުމަށެވެ. މި ތަރިއަކީ އުތުރު ތަނޑި މަތިން ފެންނަ ތަރިއެއް އެހެން ތަރިތައް ފަދައިން
ގަހާތަރިރިއަކީ އަރާ އޮއްސޭ ތަރިއެއްނޫން، ގަހާ ތަރި އަބަދުވެސް އިންނަނީ
އެއްތަނެއްގައެވެ. މި ތަރި ރާއްޖެއަކަށް ނުފެންނާނެއެވެ. ރާއްޖޭގެ ނިޔަމިން
ނިޔަމިކަން ކުރުމުގައި މިތަރި ހޯދުމަށް ނުވަތަ މިތަރި އިންނަ ތަން ހޯދުމަށް ބޭނުން
ކުރަމުއައީ އެހެން ދެތަރިއެކެވެ. ގަހާ އިންނަ ތަން ފާހަގަ ކުރަނީ އުރުސާ މޭޖަރގެ
ފުރަތަމަ ދެތަރި ބޭނުން ކޮށްގެންނެވެ. އުރުސާ މޭޖަރއަކީ
ހަތް ތަރީގެ މައްޗައް އެކުލެވިގެންވާ ތަރިބައެކެވެ. މި 7 ތަރިއަކީ؛ ޑޫބީ، މިރާގު،
ޕެކިޑަ، މެގިރަޒު، އެލިއަތު،
މިޒާރު، ބެނެޓްނާސް ކަމުގައި އަޙްމަދު ޝަފީޤު (2007) ހާމަ
ކުރައްވައެވެ. ކުރެހުމުގައި ރަތްކުލައިގެ ވަށް ބުރަކުން އެފެންނަނީ ގަހާތަރިއެވެ.
ނޫކުލައިގެ ތީރު ފެށިފައިއެވަނީ ރާއްޖޭމީހުން ގަހާތަރި ފާހަގަކުރުމަށް ބޭނުންކުރާ
ތަރިބައިންނެވެ.
1.1.2 ކެތި (ޕްލައިއެޑެސް)
އެތައްހާސް އަހަރެއްވަންދެން އިންސާނުން މި
ކަނޑުތަކުގައި ދަތުރު ކުރަމުން އައި އިރު ނިޔަމިކަން ކުރުމަށް މިޒަމާނުގައި ބޭނުން
ކުރަމުންދާފަދަ އެއްވެސް ސައިންޓިފިކް ތަކެއްޗެއް ނުގެންގުޅެއެވެ. އެހެންކަމުން
އެވޭލާ ދިވެހިންވެސް ކަނޑު ދަތުރު ކުރުމުގައި ތަރިތައް ބޭނުންކޮށްފައިވާކަމީ
ޝައްކެއްނެތި އެނގޭކަމެކެވެ. މިގޮތުން ބޭނުންކުރި ތަފާތު ތަރި ތަކުގެތެރެއިން
"ކެތި" މިތަރިބައަކީ ނިޔަމިކަން ކުރުމަށް މުހިންމު ދައުރެއް ކުޅެދޭ
ތަރިބައެކެވެ. މި ތަރިބައި ބޭނުންކުރަނީ
ހުޅަނގު ވަކިކުރުމަށެވެ. ކެއްޗަކީ 7 ތަރީގެ މައްޗަށް އެކުލެވިގެންވާ
ނަކަތެކެވެ.
ކެތީގައި ހިމެނޭ ހަތްރަރިއާއި
އެ ތަރިތަކުގެ ނަން,
ރީދޫކުލައިން ފާހަގަކޮށްފައިއެވަނީ ކެތީގެ ހަތްތަރިކަމުގައި ދިވެހިންކިޔާ
ރަރިތަކެވެ.
1.1.3
ދެކުނު ކާލި (ސަދަން ކުރޮސް)
ރޭގަނޑުގެ ވަގުތުތަކުގައި އެވޭލާދިވެން ދަތުރު
ފަތުރުކުރުމަށް ތަރިތަކުގެ ބޭނުން ކުރަމުންއައީ މިސްރާބުހޯދުމަށެވެ. މި ބައިމީހުން
މިތަރިތައް ފާހަގަކުރަމުންއައީ އެބައިމީހުންގެ ކާބަފައިންގެ ފަރާތުން ލިބިފައިވާ
ޢިލްމުންނެވެ. އެގޮތުން ތަފާތު ތަރިތަކަށް ތަފާތު ނަންތައް ދީފައިވެއެވެ. އެގޮތުން ދެކުނު ހުޅަނގު ފާހަގަ ކުރުމަށް
ބޭނުންކުރާ ތަރިބަޔަށް ކިޔަމުން އައި ނަމަކީ ދެކުނު ކާލި ނުވަތަ ސަދަން ކުރޮސް
އެވެ.
1.1.4
ތަރިބައި (ގެލެކްސީ)
ނުޖޫމީ ޢިލްމު ބޭނުންކޮށްގެން ދަތުރު ފަތުރު
ކުރުމަށް ބޭނުންކުރަމުއައީ ތަފާތު ތަރިތަކާ އިރު ހަނދު ފަދަ ތަކެއްޗެވެ. ދުވާލުގެ
ވަގުތުތަކުގައި އިރު ހަނދު ބޭނުންކުރާއިރު، ރޭގަނޑުގެ ވަގުތުތަކުގައި ބޭނުން
ކުރަމުންއައީ ތަފާތު ތަރިތަކެވެ. އެގޮތުން އެތައްހާސް ތަރިއެއް، ދަތުރު ފަތުރު ކުރުމަށް އަންނަނީ ބޭނުން
ކުރަމުންނެވެ. ވަކިވަކި ތަރިއާއި އެތައް ހާސް
ތަރިއެއް ހިމެނޭ ތަރިބައިތައް އަންނަނީ ބޭނުން ކުރަމުންނެވެ. މިގޮތުން ބޭނުންކުރާ
އެއް ތަރިބަޔަކީ ގެލެކްސީ އެވެ. އެތައް މިލިއަން ތަރިތަކެއް އެއްބޮޑިއަކަށް ނުވަތަ
އެއްކޮން ހުންނަ ހުރުމަށް ކިޔަނީ ގެލެކްސީއެވެ. އަންދާޒާ ކުރެވޭ ގޮތުގައި މުޅި
ކާއިނާތުގައި ދިހަ ބިލިޔަން ގެލެކްސީއަށް ވުރެ ގިނަ ގެލެކްސީ ވެއެވެ. އިންސާނުން ދިރިއުޅެމުންމިދާ ދުނިޔެ ހިމެނޭ ގެލެކްސީގެ ނަމަކީ
"މިލްކީވޭ" އެވެ. މި މިލްކީވޭގައި 100 ބިލިޔަން ތަރިވާކަމަށް މަރިޔަމް
އަޒުރާ އަޙްމަދު، ޕެމެލާ ސިސިލިއާނޯ (1996) ބަޔާން ކުރައްވާފައި ވެއެވެ. އިރުން ހުޅަނގަށް
ދެމިފައިވާ ކިރު ކުލައިގެ ރޮގެއްގެ ސިފައިގާ މި މިލްކީވޭގެ ބައެއް ފެންނަން
ހުރެއެވެ. އެހެންކަމުން އިރު އަދި ހުޅަނގު ފާހަގަ ކުރެއެވެ. އެވޭލާ ދިވެހިން
ރޭގަނޑު ދަތުރު ފަތުރު ކުރާއިރު އިރާ ހުޅަނގު ފާހަގަ ކުރުމަށް މި ތަރިބައި ވަރަށް
މުހިންމު ދައުރެއް ކުޅެދެއެވެ.
މަތީގައި ތަފްސީލު ކުރެވިފައި
އެވަނީ އެވޭލާދިވެހިން ނިޔަމިކަން ކުރުމުގައި ބޭނުންކުރި ބައެއް މުހިންމު
ތަރިތަކާއި ތަރިބައިތަކެވެ. އަދި އެ ތަރިތައް ބޭނުން ކުރަމުންއައި ގޮތްތައް ނުވަތަ
ބޭނުން ކުރެވޭ ގޮތްތަކެވެ. ދިވެހިރާއްޖޭގެ ދަތުރުވެރިންނަށް މި އާދަ ކާދައިގެ
މަޢުލޫމާތު ވާރުތަވެފައި ވަނީ އެތައް ސަތޭކަ ދަރިކޮޅަކުން އެތަކެއް
ތަޖުރިބާއަކުންނެވެ. އަދި އަޙުމަދު ޝަފީޤު (1999) ވިދާޅުވާ ގޮތުގައި ނުޖޫމީ
ޢިލްމަކީ އެވޭލާވަމާނުގައި އަސާސީ މިންވަރަށް ދިވެހިންގެ ތެރޭގައި އޮތް ޢިލްމެއް
ކަމުގައި ބެލެވެއެވެ. ނުޖޫމީ ޢިލްމުގެ ބޭނުންކޮށްގެން ދަތުރު ފަތުރުކޮށް އުޅުނީ
އުޑުމަތި ސާފު ރޭތަކުގައާއި ދުވާލުތަކުގައެވެ. ވިއްސާރަވެ އުޑުމަތި ބަނަ
ދުވަސްތަކުގައި ބޭނުންކުރަމުންއައީ މަސްނުވީތަކެއްޗެވެ. އަދި މީގެ އިތުރުން މޫސުމަށްބަލައިގެންވެސް ނިޔަމިކަން ކުރަމުން
އައެވެ. މަސްނުވީ ތަކެއްޗަކީ އެވޭލާ ދިވެހިންގެ ދަތުރު ތަކަށް އެހީވެދިން މުހިންމު
ވަސީލަތެކެވެ.
1.2
މަސްނޫއީ ތަކެތި ބޭނުން ކޮއްގެން ނިޔަމިކަން ކުރި ގޮތް
އެވޭލާ ދިވެހިން ތަރިތަކަށް ބަލައިގެން
ނިޔަމިކަން ކޮށްއުޅުނީ އުޑުމަތި ސާފު ރޭތަކުގައި ، ވިލާ ބޯވެގެން ނުވަތަ ވިއްސާރަ
ވާރޭ ބޯވެގެން ތަރިތަށް ނޭގޭނަމަ މަގު ހޯދަނީ ސަމުގާ ބޭނުން ކޮށްގެންނެވެ. އެވޭލާ
ދިވެހިން ބޭރު ކަރަކަރައަށް ދަތުރުފަތުރުކޮށް އުޅުނީ ސަމުގާ ބޭނުންކޮށްގެން އަދި
ދުނިޔޭގެ ޗާޓު ބޭނުންކޮށްގެން ކަމުގައި ޢަބްދުއްﷲ ޒަމީރު (1999) ވިދާޅުވިއެވެ.
އަދި އިތުރަށް ހާމަކުރައްވާ ގޮތުގައި ދިވެހި އެބައިމީހުން އަމިއްލައަށް ނިޔަމިކަން
ކުރުމަށް ބޭނުންވާ ތަކެތި އުފައްދާފައިވެއެވެ. ނިޔަމިކަން ކުރުމަށް ތަރިތައް ބޭނުން
ކުރެވިފައިވަނީ މިސްރާބު ހޯދުމަށް ކަމުގައިވިޔަސް މަސްނުވީ ތަކެތި މިނޫން ތަފާތު
ބޭނުން ތަކުގައި ބޭނުން ކުރިއެވެ. އޮޑީގެ ދުވެލި ބެލުމަށާއި ވަގުތު ބެލުމަށް
ތަފާތު އާލާތްތަށް ބޭނުންނުން ކުރިއެވެ. މިގޮތުން ބޭނުން ކުރެވުނު ބައެއް އާލަތަކީ
ދަމުފުޅި، ކަރުނާމާތަރު އަދި ޓަފުނަނު ހިމެނެއެވެ. މިސްރާބު ހޯދުމަށާއި ބެލުމަށް
ގެންގުޅުނު ބައެއް ތަކެތީގެ ތެރޭގައި ސަމުގާ،ގޮއިދުރުވާން، ސިކިސްތާނު އަދި ދުރުމި
ހިމެނެއެވެ.
1.2.1
ދަމުފުޅި
އެވޭލާ ދިވެހިން ނިޔަމިކަން ކުރުމުގައި
މިސްރާބު ބެލުމުގެ އިތުރުން ދަތުރުމަތީގައި ވަގުތު ބަލާވެސް އުޅެއެވެ. ވަގުތު
ބަލާއުޅުމަށް ތަފާތު ގޮތްތައް ބޭނުންކުރެއެވެ. އިރާއި ހަނދު ބޭނުންކޮށްގެން އަދި
ތަރިތަކުންވެސް ވަގުތު ދެނެގަނެއެވެ. އަދި މީގެ އިތުރުން ދިވެހިންގެ އަމިއްލައަށް
އުފައްދާފައިވާ ތަކެއްޗާއި އަދި އިތުރު ތަފާތު މަސްނޫއީ ސާމާނު މި ކަމުގައި ބޭނުން
ކުރިއެވެ. މިގޮތުން ވަގުތު ބެލުމަށް ބޭނުންކުރި އެކަށްޗަކީ ދަމުފުޅިއެވެ.
ދަމުފުޅިއަކީ އެވޭލާ ދިވެހީން ވަގުތު ބެލުމަށް ގެންގުޅުނު ސާޢަތް ފުޅި ކަމުގައި
ދިވެހި ބަސްފޮތް (2000) ގައި ބަޔާން ކުރަށްވާފައި ވެއެވެ. މިފުޅީގެ އެއްކޮޅަށް
ހުންނާނީ ހިލަވެލި ނުވަތަ މިޒާތުގެ ކޮންމެވެސް އެއްޗެއް އަޅާފައެވެ. މިފުޅި
ހުންނާނީ މެދަށް ހިމަކޮށެވެ. އެއްކޮޅުގައި ހުންނަ ވެލި އެނެއް ކޮޅަށް ފޭބުމަށް
ކުޑަކުޑަ ލޯވަޅެއް ފުޅީގެ މެދުގައިވާ ހިމަ ބައިގާ ހުންނާނެއެވެ. މިލޯވަޅުގެ
ތެރެއިން އެއް ކޮޅުގައި ހުންނަ ވެލި އަނެއް ކޮޅަށް ފައިބާނީ އެއް ގަޑިއިރުންނެވެ.
ނަމަވެސް އަޙްމަދު ޝަފީޤު (2009) ލިޔުންތެރިޔާ ގާތު ވިދާޅުވި ގޮތުގައި ދަމުފުޅި
ފަރުމާ ކުރެވިފައި ހުންނާނީ ދަމަކު އެއްފަހަރު ކޮޅުބަދަލު ކުރާގޮތަށެވެ. އަދި
އިތުރަށް ހާމަ ކުރަށްވާ ގޮތުގައި މިފުޅިއަކީ ވަރަށް ހިމުން ކުޑިތަކެއް އަޅާފައިހުންނަ
މެދަށްހިމަ ލަކުޑި އޮނިގަޑަކަށް ފައްތާފައި ހުންނަ ފުޅިއެކެވެ. މިފުޅި
ބޭނުންކުރާގޮތަކީ އެއްކޮޅުގައި ހުންނަ ވެލި ހުސްވުމުން އަނެއް ކޮޅަށް ޖަހަނީއެވެ.
މަތީގައިވާ ދެބުނުމަށް ރިޔާއަތް ކުރާނަމަ މީގެ ދެ ވައްތަރެއްގެ ފުޅިހުރުމަކީ އެކަށީގެންވާ ކަމެކެވެ. އެއީ ގަޑިއަކު
އެއްފަހަރު ކޮޅު ބަދަލުކުރާ ފުޅިއާއި ދަމަކު އެއްފަހަރު ބަދަލުކުރާ ފުޅިއެވެ.
ދަމަކީ ދުވަސް ބައިކޮށްފައި އޮންނަ ގޮތުން ދުވަހެއްގެ އަށް ބައިކުޅަ އެއް ބައި
ކަމުގައި ދިވެހި ބަސްފޮތް (2006) ބަޔާން ކުރަށްވާފާއި ވެއެވެ.
1.2.2
ކަރުނާމާޓަރު
ދަމުފުޅީގެ އިތުރުން އެވޭލާ ދިވެހިން ވަގުތު
ބެލުމަށް ބޭނުންކުރި އިތުރު އެއްޗެއްގެ ގޮތުގައި ކަރުނާމާޓަރު ހިމެނެއެވެ. މިއީ
ވަގުތުބެލުމަށް ޙާއްޞަ އާލާތެކެވެ. އަޙްމަދު ނަސީމު (1988) ދެކިލައްވާ ގޮތުގައި
ކަރުނާމާޓަރަކީ އެވޭލާ ނެވި ނިޔަމިން ވަގުތު ބެލުމަށް ބޭނުންކުރި ޙާއްޞަ ގަޑިއެކެވެ.
މި ހަދާފއި ހުންނަނީ ވަށަމިން ލޯތައްޓެއް ގޮތަށެވެ. މިއިން ރެއާއި ދުވާލުގެ ވަގުތު
އެނގޭ ގޮތައް މިން ޖަހާފައި ހުރެއެވެ. މަތީ ފަރާތުގައި ވަގުތާއި ގަޑި އެނގޭގޮތަށް
ބައި ކޮށްފައި ހުންނާނެއެވެ.
1.2.3 ޓަފުނަނު
އެވޭލާ ދިވެހިން
ދަތުރުތަކުގައި އެންމެ މިޒަމާނުގެ ދަތުރުވެރިން ބޭނުންކުރާ އާލާތްތައް ބޭނުން
ނުކުރިނަމަވެސް އެބައި މީހުން ވަގުތު ދެނެގަނެއެވެ. އަދި އޮޑީގެ ދުވެލި ހޯދައެވެ.
މިގޮތުން އޮޑީގެ ދުވެލި ހޯދުމަށް ބޭނުން ކުރި އެކައްޗަކީ ޓަފުނަނެވެ. ޓަފުނަނު
ބޭނުންކުރަނީ ކަނޑު ދަތުރު ކުރާއިރު
ދަތުރު ކުރެވޭ ދުރު ގާތް މިން މޭލުން ދެނެގަތުމަށްޓަކައި އަދި އޮޑި ދުވާ ދުވެލީގެ
ބާރުމިން ދެނެގަތުމަށްޓަކައެވެ. މިއީ ކޮޅުފާހުން ދޫކޮށްފައިވާ ނަނެއްކަމުގައި
އަޙްމަދު ނަސީމު (1988) ހާމަ ކުރައްވައެވެ.
1.2.4
މިސްރާބު ހޯދުމަށް ބޭނުންކުރި ބައެއް އާލާތާއި ގޮތްތައް
އެވޭލާ ދިވެހި ބޭރުޤައުމުތަކަށް ކުރާ ދަތުރު
ތަކުގައި މިސްރާބު ހޯދުމަށް ބޭނުންކުރާ އެންމެ އާންމު އެއް ވަސީލަތަކީ ސަމުގާއެވެ.
"ސަމުގާއަކީ މިޞްރަބު ދައްކުވައިދޭ އާލާތެއް" ދިވެހިބަސްފޮތް (2006).
ސަމުގާ ހުންނާނީ އެތައް ދަރަޖައަކަށް ބައިބަޔަށް ބަހާފައެވެ. ސަމުގާގެ 360 ޑިގްރީ
ބަހާލެވިފައިވަނީ 32 ޕޮއިންޓަކަށްކަމަށް އަޙުމަދު ނަސީމު (1988) ހާމަކުރަށްވައެވެ.
ސަމުގާގެ ތާރީޚެއް ހޯދިފައި ނުވި ނަމަވެސް ސަމުގާ އުފެއްދިފައިވާ ކަމަށް ބެލެވެނީ
ރޯމަން އެމްޕަޔަރ އޮތް ދުވަސްވަރުއެވެ. ދިވެހިނަކީ ޒަމާނުންސުރެން ރޯމަނުންނާ
ގުޅުންއޮތް ބައެއް ކަމުން ދިވެހިންނަށް ސަމުގާ، އޭގެ އެންމެ ފުރަތަމަ ދުވަސްވަރު ލިބިފައި ވުމަކީ ވެދާނެ ކަމެކެވެ.
މިސްރާބު ހޯދުމަށް ބޭނުންކުރި އާލާތެއްކަމުގައި ދުރުމިވެސް ބޭނުން ކުރިއެވެ. ދުރުމިއަކީ
ދުރުގައިހުރި އެއްޗެއް ބެލުމަށް ބޭނުން ކުރާއާލާތެއް، މި ހުންނާނީ ދެލޮލުގައި
ޖައްސައިގެން ބަލާގޮތަށް ކޮންމެ ލޮލަކަށްވެސް ބިއްލޫރި ލެންސެއް ލެއްވި ބައެއް
ލައިފައެވެ. ދުރުމީގެ އިތުރުން ގޮއިދުރުވާންވެސް ދިވެހި ނިޔަމިން އައީ
ބޭނުންކުރަމުންނެވެ. އަޙްމަދު ނަސީމު (1988) ހާމަ ކުރައްވާގޮތުގައި ފިލާއެޅުމަކީ
މަސައްކަތުން ނަތީއްޖާ ހޯދުމެވެ. މީގެ އިތުރުން ސިކިސްތާނަކީވެސް މިބޭނުމުގައި
އެވޭލާ ދިވެހިން ގެންގުޅުނު އާލާތެކެވެ.
މިއަށް ފިލާއެޅުންވެސް ކިޔެއެވެ. މީގެ ބޭނުންކުރަން އެނގެނީމަތީ ފެންވަރުގެ
ހިސާބު ޢިލްމާއި ނުޖޫމީ ޢިލްމަށް އެކަށީގެންވާވަރަށް ދަންނަ މީހަކަށް ކަމުގައި
އަޙުމަދު ނަސީމު (1988) ވިދާޅުވެއެވެ. މިއީ މިސްރާބު ހޯދުމަށް އެވޭލާ ދިވެހިން
ބޭނުންކޮށް އޫޅުނު ބައެއް ތަކެއްޗެވެ. އެވޭލާ ދިވެހިން މިނޫން ގޮތްތައް މިސްރާބު
ހޯދުމަށް ބޭނުން ކޮށްފައިވެއެވެ.
އެވޭލާ ދިވެހިން މިސްރާބުހޯދުމަށް ގުދުރަތީ
ދިރުން ހުރި ވަސީލަތްތަކާއި ދިރުން ނެތް ވަސީލަތްތައް އައީ ބޭނުން ކުރަމުންނެވެ.
އަދި ހަމައެހެންމެ ދާޢުރުވާ ތަކެތިވެސް ބޭނުންކުރިކަން މަތީގައިވާ މަޢުލޫމާތުން
އެނގެއެވެ. އެއީ ހަނދާ، އިރު އަދި ތަރިތައް ބަލައިގެން މިސްރާބު
ހޯދިހޯދުމެވެ. ހަމަ މިގޮތައް ދޫނި ސޫޕާއި
ސޫޕައް ބަލައިގެންނާއި ކަނޑުގައި ކުނިބުނިންވެސް ރަށްތައް ހޯދެއެވެ. އިރު
އޮއްސެމުން އަންއިރު ކަނޑުމަތީ ދޫނިތައް އެސޮރުމެންގެ ހާޔަށް ނުވަތަ ވަޒަނަށް
ދެއެވެ. އެހެންކަމުން ހަވީރުގެ ވަގުތުގައި ދޫނި އުދުހެމުން ދާނީ ކޮންމެވެސް
ރަށަކާއި ދިމާއަށްށެވެ. ވީމާ ރަށް ރަށް ހޯދުމަށް މިގޮތްވެސް އެވޭލާމީހުން
ބޭނުންކުރިއެވެ. އަދި މީގެ އިތުރުން ކަނޑުގެ އޮއިވަރަށް ބަދަލުއަމާއި ކުނި ބުނި
ފެންނަން ފެށުމީ ރަށެއް ކައިރިގައިވާކަމުގެ އަލާމާތެކެވެ.
1.3
މޫސުމަށް ބަލައިގެން ނިޔަމިކަން ކުރުން
ދިވެހިން އެތައް ޒަމާނެއްގެ ކުރިން
ދަތުރުރަމުން އައިއިރު ވިއްސާރަގައިވެސް ދަތުރުފަތުރު ކުރިއެވެ. ވިއްސާރަ
ކުރިމަތިވާކަން އަދި ވިއްސާރަ އަލިވާކަން އުޑުގައި ހިނގާ ވިލާތަކަށް އަންނަ
ބަދަލުންނާއި ނަކަތަށް ބަލައިގެން އެނގޭކަމުގައި
އަޙުމަދު ޝަފީޤު (1999) ހާމަކުރެއެވެ. ވިއްސާރަ އަލިވާނަމަ ވައިދަށް
ފަރާތުން ވިލާތައް ނެތެމުން އުޑުމަތި ސާފުވަމުންދާނެ އަދި ވިއްސާރަ ނަގާނަމަ
ވައިމަތި ފަރާތުން ވިލާތައް ނަގައި ބޯވަމުންދާނެއެވެ. ވިލާގަނޑުގެ ބާރުމިނާ
މަޑުމިންވެސް އެބައިމީހުން ވިލާގަނޑަށް ބަލައިގެން ދެނެގަނެއެވެ. ނަގާ ވިލާގަނޑުގެ
ތިރީ ކައިރި ވިލާގަޑަށްވުރެން ކަޅުކޮށް
ހުރިނަމަ ފެން ގިނަވާނެ ކަމުގައި ނިޔަމިންނާއި ހަވާލާ ދެއްވައި އަޙްމަދު
ޝަފީޤު (1999) ލިޔުއްވާފައިވެއެވެ. ވިލާގަޑެނޑެއް އުދަރެހުން އުފުލިގެން
އަންނައިރު މެދަށް އުސްކޮށް ހުރިނަމަ ގަދަވައި ހުންނާނެއެވެ. މިވައްތަރުގެ
ވިލައަށް ކިޔަނީ ފޫނާށި ވިލައެވެ. ފޮއިމަތީ ދުވަސްވަރު (15،14،13) ގައި ވިއްސާރަ
ގަދަވަމުން ދާނަމަ، ކަޅުފޮއިގައި އެވިއްސާރައެއް މާގަދަވާނެއެވެ. ވިއްސާރަ
ކުރިމަތިކޮށް ހަނދުމަހުގެ 6،5 މި ދެދުވަސް ހަތަރުދަން ކުރިމަތިކޮށް ކަނޑުމަތީ
ދަތުރު ނުފެށުމަށް ތަޖުރިބާކާރުން އިރުޝާދުދެއެވެ. "ވިދާ ވިދުވަރުންވެސް
މޫސުމަށް އަންނަ ބަދަލުތައް ދެނެގަނެވޭ،އެގޮތުން ވިއްސާރަ ގަދަކުރާން ގަހާ
ވިދުވަރު ލޯމަށްޗަށް ފެންނާނީ އުދަރެހުގެ ހުރަހަށެވެ. ވިއްސާރަ އަލިވާން ޖަހާ
ވިދުވަރު ލޯމަށްޗަށް ފެންނާނީ، ދިމަދިމާއިން ފައިކަށި ނެތި ވަށްކޮށެވެ".
އަޙްމަދު ޝަފީޤު (1999). އެހެންކަމުން އެވޭލާދިވެންނަށް ދަތުރަށް ފުރުމަށް ރަނގަޅު
ދުވަސްތައް ހޯދުމަށް ފަސޭހައެވެ. އަދި ދަތުރަށް ރައްކާވެތިބެން އެނގެއެވެ.
ދިވެހިނަކީ އެވޭލާ ޒަމާނުގައިވެސް ކަނޑު
ދަތުރުކުރުމުގައި ކުޅަދާނަ ބައެއްކަން ފެންނަން ހުރި ލިޔުންތަކުންއިނގެން އެބަހުރި
ދުނިޔޭގައި އެއިރު އެންމެ މަޝްހޫރު ހަޟާރާތްތަކާއި ގުޅުންބާފައިވުމީ މިކަމަށް ފުދޭ
ހެއްކަކަށްވެއެވެ. އަދި އެވޭލާދިވެހިންނަކީ
ނުޖޫމީއީލްމު ރަގަޅު ފެންވަރަކަށް ދަންނަބައެކެވެ. އަދި އަމިއްލަ
އުފެއްދުން، ނިޔަމިކަން
ބޭނުންކުރި ދިވެހިންނަކީ އެވޭލާޒަމާނުގައިވެސް ބިދޭސީ ޤައުމުތަކަށް ދަތުރުކޮށް
އެޤައުމުތަކާއިއެކު އެކުވެކަން ބޭއްވި ޤައުމެކެވެ.
މަޢުލޫމާތު ނެގި
ލިޔުންތައް
ނަސީމާ މުޙައްމަދު. (1998). ތަރިކަ 1،2،3،4.
އަހްމަދު ޝަފީޤު. (1998). ސުވާލާއި ޖަވާބުން ދިވެހިރާއްޖެ
(ފުރަތަމަ ބައި) (ޗާޕްކުރި ފަރާތް ނޭނގެ)
އަޙުމަދު ޝަފީޤު. (1999). ރައްވެހިކަމުގެތެރެއިން
ދިވެހިރާއްޖެ (ފުރަތަމަ ބައި): ވޮނަދޮނަ ދިވެހިރާއްޖެ. (ޗާޕްކުރިފަރާތް ނޭނގެ)
އަޙުމަދު ޝަފީޤު. (2000). ދަންފުޅި،6 މާލެ:ސީޕްރިއާ
ޕްރިންޓް
އަޙުމަދު ނަސީމު. (1988). ކޯސްޓަލް ނެވިގޭޝަން: މާލެ.
(ޗާޕްކުރިފަރާތް ނޭނގެ)
ޢަބްދުﷲ ޒަމީރު. (1999). ރާއްޖޭގެ ދަތުރުފަތުރަށް
އައިސްފައިވާ ކުރިއެރުންތައް. ފުރަދާނަ،23، 20-21.
މަރިޔަމް އަޒުރާ އަޙުމްދު، ޕެމެލާ ސިސިލިއާނޯ. (1996).
އިޖްތިމާޢި ޢިލްމު1 (ޤްރޭޑް6). މާލެ:
ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒު.
މުޙައްމަދު އަމާން އާދަމް. (2003). އެވޭލަ ޒަމާނުގައި
ދިވެހިންކުރި ދަތުރުގެ ތެރެއިން ޞަފުހާއެއް. ފަތްތޫރަ 291،44-45.
ދިވެހިބަހާއި ތާރީޚައް ޚިދުމަތްކުރާ ޤައުމީ
މަރުކަޒު.(2000). ދިވެހި ބަސްފޮތް. މާލެ، ދިވެހިބަހާއި ތާރީޚައް
ޚިދުމަތްކުރާ
ޤައުމީ މަރުކަޒު.
ދިވެހިބަހާއި ތާރީޚައް ޚިދުމަތްކުރާ ޤައުމީ
މަރުކަޒު.(2006). ދިވެހި ބަސްފޮތް. މާލެ، ދިވެހިބަހާއި ތާރީޚައް
ޚިދުމަތްކުރާ
ޤައުމީ މަރުކަޒު.