މިނިވަންކަމަކީ، "އިން"
ފަހަނައަޅާ ނުދިޔުމެވެ.
މިނިވަންކަމަކީ،
ވަރަށް ފުޅާ ދާއިރާއެއްގައި މާނަކުރެވިދާނޭ ކަލިމައެކެވެ. އެއީ އެތަނެއްގައި ދިރިއުޅޭ ހުރިހާ އަފުރާދުންނާއި، އެބައި
މީހުންގެ ޙައްޤުތަކާ ގުޅިފައިވާ ކަމެކެވެ. އަދި ކޮންމެ އިންސާނަކަށް ވެސް ލިބިދޭންޖެހޭ އަސާސީ
ޙައްޤެކެވެ. ކޮންމެ މީހަކުވެސް ބޭނުންވާނެ ޙައްޤެކެވެ. ކޮންމެ ޤައުމެއްގައި ވެސް އޮތުން ލާޒިމު ކަމެކެވެ. ކޮންމެ ޤައުމަކަށް ވެސް
އޮތުން ޙައްޤު ސިފައެކެވެ. އެހެންނަމަވެސް އަގުބޮޑު މި ނިޢުމަތުން މަޙުރޫމުވެފައިވާ
ފަރާތްތަކެއް ވެސް އެބަވެ އެވެ. މި ޙައްޤު ހިތުހުރި މިންވަރަށް ބޭނުން ކުރާ
ފަރާތްތައްވެސް އެބަވެ އެވެ. އެހެންނަމަވެސް
އެންމެ
ވެސް ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ މިނިވަން ކަމުގެ
އިމެއް ވާކަމެވެ. އެ އިމުން ބޭރުވުމުން
މިނިވަންކަން ގެއްލޭނެ ކަމެވެ.
މިނިވަން ކަމުގެ އިމަކީ ކިހާ މިންވަރެއް ބާވައެވެ؟
ތިބާގެ އަޚާގެ ގޮހޮރާ ހަމައަށް އަތް ފޯރުވިދާނެ ހެއްޔެވެ؟ އެކުވެރިޔާގެ ބައިމަތީ ކަޓަރުގެ
ތިލަ، އޭގެ ފުން މިނުގަ ދަމާލެވިދާނެ
ހެއްޔެވެ؟ އަނެކުންގެ އަނބީންގެ އުނގުގައި ބޯއަޅާލެވިދާނެ ހެއްޔެވެ؟ އުޚުތާގެ ފޮޓޯ
ސޯޝަލް ނެޓްވަރކްގައި އިޝްތިހާރު ކުރެވިދާނެ ހެއްޔެވެ؟ މި ނިވަންކަމުގެ އަތް މިހާ
ދިގުވާނެ ހެއްޔެވެ؟
މިނިވަންކަމުގެ
އަތް މިހާ ދިގުވެފައި އެއަތުގެ ޚަރަކާތް އެގޮތުގައި ބެހެއްޓޭނެ ނަމަ
"މިނިވަންކަން" މިލަފުޒު ވުޖޫދު ނުވީހެވެ. އެކަމުގެ ޙައްޤުތަކުގެ ވާހަކަ
ނުދެއްކީހެވެ. އަދި އަމުދުން މިނިވަންކަމުގެ އިމުގެ ވާހަކަ ނަންވެސް ނުގަންނާނެ އެވެ.
މިނިވަންކަމަކީ އެތަނެއްގެ ސަޤާފަތާއި ، އާދަކާދައާއި، ދީނާއި
، އަޚުލާޤާއި، ތަނުގެ ޤާނޫނުތަކާއި، އެއް ގޮތް ވާން ޖެހޭ ކަމެކެވެ. އެހެން ކަމުން އެ މީހަކު ބޭނުންހާ ގޮތަކަށް އުޅުމަކަށް
މިނިވަން ކަމެކޭ ނުކިޔޭނެ އެވެ. އަދި އެމީހަކު
ހިތަށް އެރިހާ ގޮތަކަށް ނޫޅެވޭނަމަ، އެއީ އެތަނެއްގައި މިނިވަންކަން ނެތީއެއް ވެސް
ނޫނެވެ. ވުމާއެކު މިނިވަންކަން ބިނާވެގެން ވަނީ ، ކޮންމެ މީހަކުވެސް އޭނާގެ މިނިވަންކަމުން ބައެއް ދޫކުރުމުގެ
މައްޗަށެވެ. މިނިވަން ކަމުގެ އިން ފަހަނައަޅާ ދިޔުމީ،
އެހެން ފަރާތެއްގެ މިނިވަންކަން ނިގުޅައިގަތުމެވެ. މި މާނަގައި މިނިވަންކަން
މާނަކުރަންޖެހެނީ މިނިވަން ކަމުގައި އެންމެން ހަމަހަމަ ވުމަށްޓަކައެވެ. މިނިވަންކަމުގެ ފޮނިމީރުކަން އެންމެން ލިބިގަތުމަށްޓަކަ އެވެ.
މިނިވަން މުޖުތަމަޢަކީ ، އެއްވެސް
ބިރެއް ޖެހިލުމެއް ނެތި ދިރިއުޅެވޭ ކޮންމެ މުޖުތަމަޢެކެވެ. އެހެން މީހުންނަށް ދަތި ނުވާގޮތަށް އިންސާނާގެ ޢަމަލުތައް
އިންތިޒާމުކުރެވިފައިވާ ޖަމާޢަތެކެވެ. ޢަދުލު އިންސާފާއި، ހަމަހަމަ ކަމުގެ މައްޗަށް ބިނާކުރެވިފައިވާ ސަޤާފަތެއް
އޮންނަ ޖަމާޢަތެކެވެ. ވަކި ބަޔަކަށް
ވަކިގޮތެއް ނޯންނަ ޖަމާޢަތެކެވެ.
މިނިވަންކަމުން
މަޙުރޫމުވެފައިވާ ފަރާތްތަކަށް އެހެންފަރާތެއްގެ
މިނިވަން ކަމަށް އަރައިގަތުމީ ވެސް މިނިވަންކަމުގެ މާނައި ނުހިމެނޭ ކަމެކެވެ. އަދި
މިނިވަން ކަން ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއަށް ވެސް ނުފެތޭނެ އެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ މި މުޖުތަމަޢުން މި
ޢަމަލު ތަކުރާރުކޮށް ފެންނަމުންދެ އެވެ. "ޖެހިއްޔާ
ޖަހާނަން"، "ކަނޑާލިއްޔާ ކަނޑާލާނަން" މިއީ ޢާންމުކޮށް އިވިއިވި
ހުންނަ އަޑުތަކެކެވެ. މިއީ ހަމަހަމަ ވުންބާވަ އެވެ. މި ކަމުން ހަމަހަމަކަން ޤާއިމުވާނެބާވަ އެވެ. މިއަށް މިނިވަންކަމޭ ކިޔާނީ ކޮންގޮތަކުން ހެއްޔެވެ؟
ބައެއް މީހުން ދެކޭ ގޮތުގައި މިނިވަންކަމާއި ،
ހަމަހަމަކަމަކީ ، ހަމައެއް ލަމައެއް ނެތި އުޅުމެވެ. މީހެއްގެ ޙައްޤަކަށް ، މަގުމަތީގެ ޙުރުމަތަކަށް ނުބަލައި،
ޤާނޫނާއި، ޤަވާޢިދަށް ކުޅުޖަހަމުން ދީނަށް މަލާމާތްކުރަމުން ހިނގުމެވެ. ނަމަވެސް އަޅުގަނޑުމެންގެ މުޖުތަމަޢުގައި މިކަންކަމަކަށް
މިނިވަންކަމެކޭ ، ނުވަތަ ހަމަހަމަ ކަމެކޭ ނުކިޔޭނެ އެވެ.
މިނިވަންކަމުގެ
ޙައްޤަކީ، އެޙައްޤާއެކު ޒިންމާވެސް އުފުލަންޖެހޭ ޙައްޤެކެވެ.
މިނިވަންކަމުގެ ނަމުގައި އަނެއްކެއްގެ އަބުރާ ޢިއްޒަތަށް އަރައިގަނެވިގެނެއް ނުވާނެ އެވެ. އަނެކުންގެ ޙައްޤު
ނިގުޅައިގަނެވިގެން ނުވާނެ އެވެ. އެހެނީ މިނިވަންކަމަކީ ތިމާގެ މިނިވަންކަމުގެ ޙައްޤު އަދާކުރާއިރު
އަނެކާގެ މިނިވަންކަން ފެށޭހިސާބުން
ތިމާގެ
މިނިވަންކަން ނިމިދާންޖެހޭ އެއްޗެކެވެ. އެހެންކަމުން ތިމާގެ މިނިވަންކަން
ދިފާއުކުރުމަށްވުރެ އަނެކާގެ މިނިވަންކަމަށް އިޙްތިރާމްކޮށް، އަނެކާގެ
މިނިވަންކަމަށް އަރައި ނުގަތުންތުމަށް ވިސްނުމީ، މުޖުތަޢުގެ އެންމެހާ އަފުރާދުން، މިނިވަންކަން ލިބިގަތުމަށްޓަކައި އަޅަންޖެހޭ އެންމެ
ފުރަތަމަ ފިޔަވަޅެވެ. މާނައަކީ ތިމާކުރާ
ޢަމަލަކުން
ނުވަތަ ބުނާ ބަހަކުން އަނެކުންގެ
ޢިއްޒަތާއި އަބުރު ކިލަބުވާނަމަ
އެކަން
ނުކޮށް ހުންނަންވީ އެވެ. އެކަމަކުން ތިމާއަށް ނިކަމެތިކަމެއް ނުލިބޭނެ އެވެ.
ބަދަލުގައި ތިމާގެ އިއްޒަތާ ޤަދަރު އުފުލި އެނަކުންގެ ލޯތްބާއި އިޙްތިރާމް
އިންތިހާއަށް ލިބޭނެ އެވެ.
ތެދެކެވެ. މިނިވަންކަން މިވަނީ ލިބިފައެވެ. ދުލާއި
ޤަލަމުގެ މިނިވަންކަމެވެ.
ހަށިގަނޑާއި ފުރާނައިގެ މިނިވަންކަމެވެ. ދިރިއުޅުމާ މަސައްކަތްކުރުމުގެ މިނިވަންކަމެވެ. މިކޮންމެ މިނިވަންކަމެއްވެސް ބޭނުންކުރައްވާނީ ހަމައާއި އިންސާފާއި
އުޞޫލުތަކުގެ މަތީގައެވެ. ތިމާ
ހިތަށްއެރިހާކަމެއް
ހިތަށް އެރިހާވަގުތަކު ހިތަށްއެރިހާ ގޮތަކަށް ނުކުރެވޭނެ އެވެ. ވުމާއެކު މިނިވަންކަމުގެ ނަމުގާ ތިމާ ހިތަށް އެރިހާގޮތަކަށް އުޅުމަކީ ކޮށްގެންވާނެ
ކަމެއްނޫނެވެ. އަޅުގަނޑުމެން
އެންމެންނަކީވެސް
އިންސާނުންނެވެ. އެކަކު އަނެއްކަކަށް އިޚްތިރާމުކުރުމާ އެކަކު އަނެކެއްގެ އަބުރާ ޢިއްޒަތް
ރައްކާތެރިކުރުމަކީ އަޅުގަނޑުމެން ކޮންމެ
މީހެއްގެވެސް
ފަރުދީ ޒިންމާއެކެވެ. ވުމާއެކު އަޅުގަނޑުމެން އެންމެންވެސް ވިސްނަންވީ ވިސްނުންތެރިކަމާއެކު މި ޒިންމާ އެންމެފުރިހަމަ ގޮތުގައި އަދާކުރުމަށެވެ.
މިކަންކަން ހަރުލެއްވުމަށް ކުރަންވީ ކަމަކީ އިސްލާމީ ރިވެތި ތަރުބިއްޔަތުން
ތަރުބިއްޔަތު ލިބިގަތުމެވެ.
މިނިވަންކަމުގެ ޙުދޫދަކީ، އިސްލާމް ދީނުގައި
ކަނޑައެޅިފައިވާ ޙުދޫދުތަކެކެވެ. ޙަރާމް
ޙަލާލު ވަނީ ކަނޑައަޅާ ނިމިފައެވެ. އެކަމުން އަހަރަމެންނަށް މަނާވެގެންވަނީ
ގެއްލުން ބޮޑުކަންކަމެވެ. ހުއްދަވެގެންވަނީ އިންތިހާއަށް ފައިދާ ބޮޑު ކަންކަމެވެ.
މިގޮތް އިޙްތިޔާރު ކުރުން ތިބާއަށް ފައިދާ ބޮޑެވެ.